ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން،,، އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތުނައާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމާއި، މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، މިދިޔަ އަހަރު ކުރިމަތިވި ނުރައްކާތެރި 'ޑިޓްވާ' ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، އެ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ލަންކާ ސަރުކާރުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުންގެ ހިއްސާއާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން އެ ޤައުމަށް ލިބޭ އެއްބާރުލުން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ޑރ. ޖަގަތު ވިކްރަމަރަތުނައާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް "މޯލްޑިވްސް-ސްރީލަންކާ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕް" އާއި "ސްރީލަންކާ-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން" މެދުވެރިކޮށް، ތަޖުރިބާ ހިއްސާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން މިދިރަ އަހަރު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މި ބައްދަލުކުރެއްވުންތަކަކީ ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދަޢުވަތަކަށް މޭ މަހުގެ 3 އިން 6 އަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އިތުރު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެއެވެ