މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ ޓެކްސީ އެޕް ތާރަފްކޮށް، މާލެ ސަރަހައްދުން ފަސޭހަކަމާއިއެކު ޓެކްސީ ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީއެއް ބުކް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެމްޓީސީސީން ބުނީ ކަސްޓަމަރުގެ ފޯނު ނަމްބަރު ވެރިފައިކުރުމެވެ. މިއީ ސަލާމަތީ ގޮތުންނާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމްބަރު ވެރިފައި ކުރުމަށްފަހު، ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ އަދަދާއި، އެކުގައި ގެންދާ ލަގެޖްގެ އަދަދު އެޕްލިކޭޝަނުން ހިޔާރުކުރަން ޖެހޭނެ އެވެ.
ދެން ޕިކްއަޕް ލޮކޭޝަނާއި ޑްރޮޕް އޮފް ލޮކޭޝަން ޖަހާލުމަށްފަހު ޑްރައިވަރަކު ދަތުރު ކޮންފާމް ކުރަންދެން މަޑުކޮށްލަން ޖެހޭނެ އެވެ. އަދި ޑްރައިވަރު ދަތުރު ކޮންފާމް ކުރުމާއެކު، ކަސްޓަމަރަށް ޕިކްއަޕް ކޯޑެއްގެ އިތުރުން ޕޭމެންޓް ލިންކެއް ލިބިގެންދާނެ އެވެ. މިއީ ދަތުރުގެ ފައިސާ ދެއްކުމުގައާއި ޑްރައިވަރަށް ކަސްޓަމަރު ދެނެގަތުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހަމަޖައްސާފައިވާ ނިޒާމެކެވެ.
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެމްޓީސީސީން އަންނަނީ ޓެކްސީގެ ހިދުމަތް ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެމުންނެވެ. އެމްޓީސީސީގެ އަމާޒަކީ މި އެޕްލިކޭޝަންގެ ސަބަބުން ޓެކްސީ ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމެވެ.