ރާއްޖޭގެ އެކި ހިސާބުތަކުުން ޑެންގީ ޖެހިގެން، ރިޕޯޓްކިރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވަމުންދާތީވެ، އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ، ޗިކުންގުންޏާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި ( ހާއްސަކޮށް އޭޕްރީލް އިން ޖުލައި އަށް) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސިޓީ/ ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ، ފަރުވާ ފޯޜުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ފޮލޯ- އަޕް ކުރުމާއި ރަށުގައި ބަލި އެޅޭ މިންވަރު ގާތުން މޮނިޓަރ ކޮށް، އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެކުލަވައިލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ހަމަމިއާއެކު ސްކޫލްްތަކުގައި ވެސް ކޮންމެ ހަފުތާއަކު އެއް ފަހަރު ސްކޫލް ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންނަތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓްތައް އަދި އިންޑަސްޓްރިއަލް ރަށްތަކުންވެސް،ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އެޗްޕީއޭ އިން ވަނީ ކުންފުނިތަކާއި ޖަމާއަތްތަކުން ވެސް މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މި މަސައްކަތްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އަންގާފައެވެ.
މީޑިއާތަކުން ވެސް ކަމާއިބެހޭ އިދާރާތަކުން ހިއްސާ ކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތުތައް ފެރުތުމަށާއި، ރައްޔިތުން ހޭލުންތެރިކުުރުމަށް މަސައްކަތްކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އަދި އާންމު ފަރުދުން ވެސް ޑެންގީއަށް ސަމާލުވެ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީބ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ބަލި ފެތުރެމުންދާއިރު، މި ބަލީގައި ޒުވާނަކު ވެސް ވަނީ ދާދި ފަހުން ނިޔާވެފައެވެ.
ޑެންގީއަކީ މަދިރީގެ ސަބަބުނ ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ޑެންގީ ހުން ޖެހެނީ ޑެންގީ ވައިރަސް އުފުލާ އީޑީޒް މަދިރި ހެފުމުގެ ސަބަބުންނެވެ.ޑެންގީ ޖެހިފައި ހުރި މީހެއްގެ ގައިގައި މަދިރި ހަފާ ވަގުތު، އެ މީހާގެ ލޭގެ ތެރޭގައި ހުންނަ ވައިރަސް މަދިރީގެ ހަށިގަނޑަށް ވާސިލްވެއެވެ.މަދިރީގެ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު، އެހެން މީހަކަށް ބަލި ފެތުރުމުގެ ގާބިލްކަން މަދިރިއަށް ލިބެނީ ގާތްގަނޑަކަށް 8 އާއި 12 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ.