MTCC

ފިތުރު އީދުގެ ތިން ދުވަސް ކުލަގަދަކޮށް މާލޭގައި ފާހަގަކުރަނީ

6004

ފިތުރު އީދުގެ ތިން ދުވަސް ކުލަގަދަކޮށް މާލޭގައި ފާހަގަކުރަނީ

SHARE

"އީދު ހަވީރު 1447″ ގެ ނަމުގައި ފިތުރު އީދު ކުލަގަދަކޮށް ތިން ދުވަހުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ،، ކުރީ އަަހަރުތަކެކޭ އެއްފަދައިން  އީދު ހަވީރު ގައުމީ ފެންވަރުގައި ފާހަގަކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން  ތިން ދުވަހު "އީދު ހަވީރު 1447″ ގައި އޮންނާނެ ކަމަށެވެ.

މި ހަވީރުގައި  ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، އީދު ދުވަހުގެ ހަވީރު،16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި މާލޭގެ ހަރަކާތްތައް ކުރިއަށްދާނީ،އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން، ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. އަދި  މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދާނެއެވެ.

އެމްއެންޑީއެފް އިން ބުނީ،މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށެވެ.އުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި،އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިދުވަސްތަކުގައި އެމްއެންޑީއެފްގެ ހާއްސަ އީދު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވާއިރު،އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.