MTCC

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

858259369-1091724540372060-5620293285110473684-n1-876x584

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި ޕާޚިސްތާނަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އަދި އެޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެގައުމުގެ އިސް ބައެއް ވަޒީރުންނާއި ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީރު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ވަނީ ޕާކިސްތާނަށް ފުރާވަޑައިގެންފައެވެ.

ރައީސް އޮފީހުން ހާމަކުރެއްވިގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން 12 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި އިޤްތިސާދީ ރޮނގުންނާއި، ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންނާއި އަސްކަރީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސިވިލް އޭވިއޭޝަންގެ ދާއިރާ އާއި އެނޫންވެސް އެހެން ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު އިންވެސްޓަރުންނާއި ވިޔަފާރިތައް ހިމެނޭހެން ތިންސަތޭކައަށްވުރެ ގިނަ ފަރާތަށް ދަޢުވަތުއެރުވިގެން ބިޒްނަސް ފޯރަމެއްވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ފާއިތުވީ 11 އަހަރުތެރޭ ދިވެހި ސަރުކާރުގެ ވެރިޔަކު ޕާކިސްތާނަށް ދަތުރުކުރައްވާފައިނުވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދިވެހި ގައުމު އިސްކޮށް އަވަށްޓެރި ހުރިހާ ގައުމުތަކުގެ މެދުގައި ގާތް ގުޅުމެއް ބާއްވައި އެގުޅުން ހަރުދަނާކުރުމަށް އަހަންމިއްޔަތުކަން ދެއްވަމުންނެވެ.

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައި ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ވަނަ އަހަރުގައެވެ. އެހެންކަމުން ދެޤައުމުގެ ގުޅުމަށް މިއަހަރު ވަނީ 60 އަހަރު ފުރިފައެވެ.