MTCC

ރާއްޖޭގެ އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލު މީހުންނަށް ނުގަނެވޭނެ: ރައީސް

large_thumb_1792493498118

ރާއްޖޭގެ އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލު މީހުންނަށް ނުގަނެވޭނެ: ރައީސް

SHARE

ރަސްމާލެ މަޝްރޫއުގެ ތެރެއިންނާއި ރާއްޖޭގައި ކުރިއަށްގެންދާ އެހެން އެއްވެސް މަޝްރޫއަކުންވެސް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ، 20 ބިލިއަން ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކުން ފެށި، ޖުމްލަ 30 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގުތިސާދަށް ގެނެސްދޭނެ ބިޔަ މަޝްރޫއެކެވެ.

ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރައްޔިތުކަން ލިބިދާނެތޯ ދެންނެވުމުން "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުކަން ދިނުމާ ގުޅޭގޮތުން ގާނޫނުގައި ސާފު އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަކީ ވަކި އެއް ގައުމަކަށް ނިސްބަތްވާ ބަޔަކަށް ނުވާނެ ކަމަށެވެ.

"އަމުދުން އިސްރާއީލުގެ ރައްޔިތަކަށް މިކަމެއް ނުކުރެވޭނެ. އިސްރާއީލުގެ ޕާސްޕޯޓު އެކަންޏެއް ނޫން އެކި ގޮތްގޮތުން އެކަން ބެލޭނެ ނިޒާމުތައް އެބަހުރި." ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ތެރެއިން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ވެސް ގަނެވޭނީ ޖުމްލަ ޕްރޮޕަޓީގެ 25 އިންސައްތަ ކަމަށެވެ. ނަމަވެސް، މި ލިމިޓް ދިވެހި ރައްޔިތުންނަށް ނުހިނގާނެ ކަމަށާއި ދިވެހިންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ވަރަށް އަވަހަށް ތައާރަފުކުރާ ރިއަލް އެސްޓޭޓާ ބެހޭ އައު ގާނޫނުގެ ދަށުން މި އުސޫލުތައް ގާނޫނީ ގޮތުން ކަށަވަރު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހާއްސަކޮށް އިސްރާއީލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްރާއީލުގެ ރައްޔިތަކަށް މިފަދަ އެއްވެސް މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ. އެގައުމުގެ ޕާސްޕޯޓު ނޫން އެހެން ގޮތްގޮތުން ބެލޭނެ އިންތިޒާމުތައް ހުންނާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަސްމާލެއިންނާއި ރާއްޖޭގެ އެހެން އެއްވެސް މަޝްރޫއަކުން ވެސް އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ގަތުމާއި، ވިއްކުމާއި، ކުއްޔަށް ހިފުން ފަދަ ހުރިހާ ދޮރުތަކެއް ގާނޫނުގެ ތެރެއިން ބަންދުކުރައްވާނެ ކަމަށެވެ.

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެކަން ސަރުކާރުން ތަކުރާރުކޮށް ހާމަކުރަމުންދާއިރު، ރަސްމާލޭގެ މަޝްރޫއު ކުރިއަށްދާނީ ވެސް މި ސިޔާސަތު ދަމަހައްޓައިގެންނެވެ. އެގޮތުން އެ ސަރަހައްދުން އިސްރާއީލުގެ ފަރާތްތަކަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޖާގަ ނުދިނުމަށް ވަރުގަދަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.