ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ގޮތް އޮޅުންފިލުއްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުގައި ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ވަނީ ފަށާފަ އެވެ. އަދި އައްޑޫގައި ވެސް ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގާ ގިނަ މަޝްރއޫއުތަކެއްގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ވަނީ ފަށާފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ، ދިވެހި ގައުމީ ދިފާއީ ބާރުގެ އެއާ ކޯގެ ފުރަތަމަ އެއަާ ސްޓޭޝަން ވެސް ހުޅުވައިދެއްވާފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.