ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވާ 50 ހައްޖުވެރިން ހޮވައިފި އެވެ.
ހައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުން ނެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެ ނަމަ، ފުރުސަތު ދޭނެ 25 މީހުންނެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ.
ފަގީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ހައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެއެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރެވެ.