ކުރީގެ އެމްޑީޕީގެ ސަރުކާރުގަ ފެނަކަ ކޯޕަރޭޝަނުގައި ހިންގި ބޮޑެތި ހިޔާނަތްތަކެއް ހާމަކުރި އޮޑިޓު ރިޕޯޓާއި ގުޅިގެން، ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ވަނީ އިއްވާފަ އެވެ. ޝަމީޒް ގަރާރު ހުށަހެޅުއްވީ، 2021 އިން 2023 އާ ދެމެދު ފެނަކައިން ހިންގާފައިވާ މުއާމާލާތްތަކާ ގުޅިގެން މިދިޔަ ހަފްތާގައި އޮޑިޓު އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ނެވެ.
ގަރާރުގަ ޝަމީޒް ވިދާޅުވީ ގާނޫނާއި ގަވާއިދާ ޚިލާފު އެތަކެއް ކަމެއް ކުރުމުގެ ސަބަބުން ދައުލަތަށް، ބިލިއަން ރުފިޔާއިން ގެއްލުންވެފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ "އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ މިބޮޑު ހިޔާނާތުގެ މައްޗަށް ނަޒަރު ކުރާއިރު މިކަމުގައި ވަރަށް ބޮޑެތި ވައްކަމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާއިރު" އެކަން ކަމަކީ ރާއްޖޭގެ ތާރީހުގަ ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ، ބޮޑު ހިޔާނާތް ކަމަށެވެ.
އެ ފައިސާއިން ކުރި ހަރަދުތަކާއި ހަރަދުކުރި ބޭނުމާއި އެ ފައިސާ ހަރަދުކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ބޭނުމަށްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ. ޝަމީޒް ވަނީ ދައުލަތުގެ. އިދާރާތަކުން، އެކަން އިތުރަށް ބަލައި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.
އެ އޮޑިޓުގައި ބުނެފައިވާ ގޮތުން 2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ޚިދުމަތް ހޯދުމަށް ފެނަކަ އިން ހަރަދުކޮށްފައިވެ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރާއިރު އެވަގުތަށް މުހިއްމު ނޫން މަސައްކަތްތަކަށް މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގައި ބޮޑެތި ގެއްލުން ވާގޮތަށް ފައިސާ ހޭދަކުރިކަން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގަ ފެނަކަ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޕޯޓްގަ ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމުގެ މަސައްކަތ މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި އެކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަކަން ކަށަވަރުކުރުމަށްޓަކައި އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަން ވެސް ކުރިއަށްދާ ކަަމަށެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްް ކަމާގުޅޭ އިދާރާތަކަށް ހުށައަޅާނެކަމަށެވެ.
މިއަދުގެ ޖަލްސާގަ މި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.