MTCC

ވީއައިއޭގެ ފުލް ސްކޭލް އެމަޖެންސީ އެކްސްސަސައިޒް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

އެމްއޭސީއެލް އިން އިއްޔެ ކުރިއަށްގެންދިޔަ ފުލް ސްކޭލް އެމަޖަންސީ އެކްސަސައިޒްގެ ތެރެއިން--- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ފުލް ސްކޭލް އެމަޖެންސީ އެކްސްސަސައިޒް ކާމިޔާބު ކަމާއި އެކު ނިންމާލައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓް ފުލްސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ނިންމާލައިފި އެވެ.

މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވި އިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދިޔަ އެވެ.

ހަރަކާތް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއްވެސް ބާއްވައި ފައެވެ. މި ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށެވެ. އެކަމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ރަނގަޅަށް މުވާސަލާތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ސީއީއޯ ޝަރީފު ވިދާޅުވީ, އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިދާރާއަކުން ދެއްކެވި ޒިންމާދާރު ކަމަށް ޝުކުރު އަދާކުރެއްވި އެވެ.

އެފެކްސްގެ ބޭނުމަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.