MTCC

ރަސްމާލެ މަޝްރޫއުން އޮތީ ފައިދާ، އެއްބަސްވުން މަޖިލީހަށް ފޮނުވާނަން: ރައީސް

HVu8t6rakAAnDW9

ރަސްމާލެ މަޝްރޫއުން އޮތީ ފައިދާ، އެއްބަސްވުން މަޖިލީހަށް ފޮނުވާނަން: ރައީސް

SHARE

ރަސްމާލެ މަޝްރޫއަކީ ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މި މަޝްރޫއުގައި އޮތީ ހުސް ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އުފައްދާ ސުވާލުތަކަށް ވަރަށް ތަފްސީލީ ޖަވާބުތަކެއް ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ގެންދިއުމުގެ ގޮތުން، މި މަޝްރޫއުގެ ފުލް އެގްރީމަންޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ.

މީގެއިތުރުން، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ޚާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ހުޅުވާލައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންވެސްޓްމަންޓަކީ ޙަޤީޤަތުގައި އެއްވެސް ވަރަކަށް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫނޭ. ރައްޔިތުންނަށް މީގައި އޮތީ ފައިދާއޭ މުޅިންވެސް. މީގައި ކުރު ގޮތަކަށް ދަންނަވަންޏާމުން ރިސޯޓެއްގަ ކަންކަން ހުންނަ ފުޅާ މިނަށް ވުރެވެސް ލިމިޓެޑް އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގައި ކަންކަން ހިނގާނެ ގޮތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެތަނުގައި ކަންކަން ހުންނާނީ އާދައިގެ ރިސޯޓުތަކަށް ވުރެވެސް ބޮޑަށް ލިމިޓްކުރެވިފައި ކަމަށެވެ. އެގޮތުން އެތަނުގައި ރަލާއި އޫރުމަސް ވިއްކުމާއި ބޭނުންކުރުން މަނާވާނެ ކަމަށާއި، ކެސިނޯ ފަދަ ތަންތަން ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަސްވަގުތު ބަންގިގޮވައި މިސްކިތްތައް ހުންނާނެ ކަމަށާއި، ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އެހެން ރަށްރަށެކޭ އެއްފަދައިން މަގުމަތީގައި ކައިބޮއެ އުޅުން މަނާވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ރަސްމާލެއަކީ ރާއްޖޭގެ ބިމެއް ކަމަށާއި އެތަނުގައި ހިނގާނީ ރާއްޖޭގެ ސިޔާދަތާއި، ޤާނޫނުއަސާސީ އަދި ދިވެހި ޤާނޫނުތައް ކަމަށެވެ. އަދި އަސްކަރީ ގޮތުންނާއި ލޯ އެންފޯސްމަންޓްގެ ގޮތުން ދިވެހި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ފުރިހަމަ ބާރު އެތަނުގައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެތަނުގައި ހަދާ ސްކޫލްތައްވެސް ހުންނާނީ ރާއްޖޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ ޕްރޮޕަޓީތައް ގަތުމުގެ ޝައުޤުވެރިކަން އެންމެ ބޮޑަށް ހުރީ ޢަރަބި އިސްލާމީ ޤައުމުތަކުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަކި ޤައުމެއްގެ ރައްޔިތުންނަށް އެތަނުން ގަނެވޭނީ ގިނަވެގެން %25 ޕްރޮޕަޓީ ކަމަށް ޤާނޫނުގައި ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް، ދިވެހިންނަށް އެފަދަ އެއްވެސް ލިމިޓެއް ނޯންނާނެއެވެ.

"މިތަނަކީ މި ދެންނެވި ފަދަ ތަނެއް އެހެންވީމަ. އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭ،" ރައީސް ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ތަކުރާރު ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށާއި، ކުއްޔަށް ނުހިފޭނެ ކަމަށެވެ. އަދި ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ބަލައި ޗެކްކުރެވޭނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް އެންމެ ދުވަހަކަށްވެސް އެތަނަށް އައުމުގެ ފުރުސަތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.