MTCC

އަންނަ އަހަރު ބަޖެޓުން އެންމެ އިސްކަންދޭނީ ތިލަފުށީ ވިޔަފާރި ބަނދަރަށް: މިނިސްޓަރު

large-thumb-1793092947239-876x533

އަންނަ އަހަރު ބަޖެޓުން އެންމެ އިސްކަންދޭނީ ތިލަފުށީ ވިޔަފާރި ބަނދަރަށް: މިނިސްޓަރު

SHARE

ކުރިއަށް އޮތް އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނެ އެއް މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް އަހަރަށް ލަފާކުރާ 59 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އެކި ސަރުކާރުތަކުން މި ބަނދަރު ބަދަލުކުރުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް އެކަށީގެންވާ އަމަލީ މަސައްކަތެއް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ބަނދަރުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުން ކަމަށް މިނިސްޓަރު ޒަރީރު ފާހަގަކުރެއްވިއެވެ.

"މި މަޝްރޫއު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނިންމައި ބަނދަރު އޮޕަރޭޝަނަލައިޒް ކުރުމަކީ ސަރުކާރުން އަމާޒުހިފާފައިވާ ކަމެއް،". މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ފާހަގަކުރެއްވީ، މި ބަދަލާއެކު ރާއްޖޭގެ ޕޯޓް ލޮޖިސްޓިކްސްއަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މާލޭ ބަނދަރުގައި އޮތް 5 ހެކްޓަރުގެ ބިމުގެ ބަދަލުގައި، ތިލަފުށީގައި މި ބަނދަރު ތަރައްގީކުރަނީ 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައެވެ. އަދި ބަނދަރު ހުޅުވާއިރު 375 މީޓަރުގެ ކީވޯލެއް އޮންނާނެ ކަމަށާއި، މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު 1.4 ކިލޯމީޓަރުގެ ދިގު ކީވޯލެއް ގާއިމުކުރެވޭނެއެވެ. މީގެއިތުރުން ކޮންޓެއިނަރު ބާލާ ސަރަހައްދުގެ ފުންމިން 14.6 މީޓަރަށް ފުންކުރެވިގެންދާތީ، ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ފަސޭހައިން ކައިރިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓާއެކު ބަނދަރުގެ ޖާގަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އެގޮތުން މިހާރު އަހަރަކު 80،000 ކޮންޓެއިނަރު ކްލިއާކުރެވޭ މާލޭ ޕޯޓުގެ ބަދަލުގައި، ތިލަފުށީ ބަނދަރު ހުޅުވުމުން އަހަރަކު 390،000 ކޮންޓެއިނަރު އަދި މުސްތަގުބަލުގައި އަހަރަކު 1.28 މިލިއަން ކޮންޓެއިނަރު ހޭންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޯޓުފަހަރުން މުދާ ބޭލުމަށް ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ މުއްދަތު އެންމެ 3 ދުވަހަށް ކުރުވެގެންދާނެ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ހަރަދު ކުޑަވެ، ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ. އަދި ތިލަފުށީގައި ތަނަވަސް ވެއާހައުސްތަކާއި ކޮމާޝަލް އޭރިއާތައް ހެދިގެން ދިޔުމުން ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ.

މި ބަނދަރުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާލެއާއި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ މަސައްކަތްވެސް އަންނަ އަހަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި މިނިސްޓަރު ޒަރީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.