MTCC

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓުން ތިން ބިލިއަން ރުފިޔާ

b_202506190546561750337216.5365

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓުން ތިން ބިލިއަން ރުފިޔާ

SHARE

މިހާރު ކުރިޔަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމުގެ ދާއިރާއަށް މިހާ ބޮޑު އަދަދެއް ބަޖެޓު ކުރެވުނު ފުރަތަމަ ފަހަރެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ތަކުލީފަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމަށް ޚާއްސަކުރި ތިން ބިލިއަން ރުފިޔާގެ ތެރެއިން، އަމިއްލަ ބިން އޮވެ އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ލޯނު ސްކީމުތަކުގެ އިކުއިޓީގެ ގޮތުގައި 750 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަމިއްލަ ބިމުގައި ގެދޮރު ނޭޅިފައި ތިބި އެތައް ރައްޔިތުންނެއްގެ ހުވަފެންތަކުގައި ކުލަޖެހިގެންދާނެ ކަމަށެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތާއި، މި ސަރަހައްދުގައި ފްލެޓު އެޅުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމަށް ބަޖެޓު ބަޔާނުގައިވެއެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ފްލެޓުތައް ނިންމުމެވެ. ހަމައެއާއެކު، އަތޮޅުތަކުގެ ރަށްރަށުގައި އަލަށް ހިއްކާ ބިންތަކާއި ހުސްބިންތަކުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި މާހައުލެއް ގާއިމުކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކަށް އެކަނިވެސް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ މަސައްކަތް އަންނަ އަހަރު ނިންމާލުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. ސަރުކާރުން ބަޔާންކުރާ ގޮތުގައި މިއީ ދައުލަތުގެ މާލީ ހަމަޖެހުން ދަމަހައްޓަމުން، ރައްޔިތުން އެދޭފަދަ ހަގީގީ ނަތީޖާއެއް ނެރެދޭނެ ބަޖެޓެކެވެ.