ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދައުލަތަށް ކުރާ ޚަރަދު ކުޑަކުރުމުގެ މަޤްސަދުގައި، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަދަލާއެކު ސިއްހީ ޚިދުމަތް ދިނުން އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުމާއި، ސިއްހީ ބޭނުންތަކަށްޓަކައި ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އާ ބަދަލުގެ ދަށުން، ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ބޭނުމަކީ، އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ މުވައްޒަފުން އިތުރުކުރެވޭނެ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ މި ބަދަލާއެކު، ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޚާއްސާ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.