ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރުގެ ތެރޭގައި 907.2 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭޏްސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ހިނގާ 2026 ވަނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 817.7 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ނިމޭއިރު ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
"2027 ވަނަ އަހަރު ރިޒާވް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 907.2 މިލިއަން އެމެރިކާ ޑޮލަރުގައި." ޒަރީރު ވިދާޅުވިއެވެ.
ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ މައި އިޤްތިސާދީ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށްވެސް އަންނަ އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން، މިއަހަރު ނިމޭއިރު ރާއްޖެއަށް 2.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިއަނުގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސްގެ އަދަދު 14.5 މިލިއަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އިޤްތިސާދީ ދުވެއްޔަށް ބަލާއިރު، 2025 ވަނަ އަހަރު %6.3 ގައި ހުރި ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރުކޮށް، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ވަނީ %0.6 އާއި %1.8 އާ ދެމެދަށް ދަށްވެފައެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫޢަވެ، 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު %3.9 އާއި %6.8 އާ ދެމެދުގެ ބާރުމިނެއްގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ %1.0 ގައެވެ. ދުނިޔޭގެ އިޤްތިޞާދީ ދުވެލި އަންނަ އަހަރު ހުންނާނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރަނީ %3.4 ގައެވެ.