ޗައިނާ އަދި ދިވެހިރާއްޖެއާ ދެމެދު ބޭއްވި އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމަކީ ދެ ގައުމުގެ އިޤްތިސާދީ އެއްބާރުލުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ބިންގަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތައް ދެނެގަނެ އެކަންކަމަށް ޢަމަލީ ސިފަ ގެނައުމަށް މި ފަދަ ބައްދަލުވުންތަކުގެ ދައުރު ނުހަނު ބޮޑެވެ. އަދި ދެ ޤައުމުގެ އިޤްތިޞާދުގެ އުސްމިނުގައި ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް، ދެފަރާތަށް ވެސް ލާބަޔާއި މަންފާ ލިބެނިވި ގިނަގުނަ މަސައްކަތްތަކެއް އެކުގައި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި މި ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، އައު އުސްމިންތަކަކަށް ވާސިލުވެފައިވާ ކަމަށެވެ. މި ގުޅުމަކީ އުމްރާނީ ތަރައްޤީއާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ރާއްޖެއާ ޗައިނާގެ އިގްތިސޯދުގައި ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް ދެ ގައުމުން ގުޅިގެން ފައިދާވާނެ އަމަލީ މަސައްކަތްތައް ކުރުމަށް ގިނަ ފުރުސަތުތަކެއް އެބަ އޮތް. މިއީ އިގްތިސާދީ އެއްބާރުލުމުގެ އައު މަރުހަލާއަކަށް އެޅުނު ވަރުގަދަ ބިންގަލެއް،" ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އަމަލު ކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގުތިސޯދީ ރޮނގުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ އަމާޒަކީ އެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ.
މި ފޯރަމާ އެކު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގެ ސަބަބުން، ޗައިނާގެ ވިޔަފާރި ކުންފުނިތަކުގެ ޒަމާނީ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ދިވެހިރާއްޖެއަށް ތަޢާރަފުވެ، ދައްކާލުމަށް ރަނގަޅު ފުރުސަތެއް ފަހިވެގެންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.