MTCC

ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

large_thumb_1793177033105

ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ހިމެނޭހެން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ "މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ހަވާސާގައި ބޭއްވުނު "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުވާއެވެ.

މި ފޯރަމްގެ ތެރެއިން ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

  1. އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން: އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ވެވުނު އެއްބަސްވުން.
  2. ދިރާސާއާއި ދަނޑުވެރިކަން ކުރިއެރުވުން: ތަޢުލީމީ ދިރާސާތަކާއި އީޖާދީ އުފެއްދުންތައް ތަރައްގީކޮށް، ތަމްރީނު ދިނުމުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
  3. މަސް އެކްސްޕޯޓް ކުރުން: ރާއްޖޭގެ ގަނޑުކުރި މަސް ޗައިނާގެ ބާޒާރަށް ނެރުމަށް މަގުފަހިކުރުމުގެ ގޮތުން މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
  4. އަސާސީ މުދާ އެތެރެކުރުމަށް އެހީތެރިވުން: ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު މުދާ ގެނައުމުގައި ލުއިފަސޭހަތަކެއް ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުން.
  5. އަމިއްލަ ވިޔަފާރީގެ ދާއިރާއިން މަހުގެ އުފެއްދުންތައް ފުޅާކުރުން: މަހުގެ ތަފާތު ބާވަތްތައް ޗައިނާއަށް ބޭރުކުރުމަށްޓަކައި ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.

މި ފޯރަމް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް މިއީ ނުހަނު މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވަމުން، މި ފޯރަމްގެ ޒަރީއާއިން ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި ދާއިރާތައް ދެނެގަނެވި، އެ ކަންކަމަށް އިސްކަންދީގެން މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.