MTCC

އާބާދީ ކުޑަވިޔަސް ރާއްޖޭގައި ބޮޑެތި އިންވެސްޓުމެންޓުތަކަށް ފުރުސަތު އެބައޮތް: ރައީސް

2026-10-22 20.03.31

އާބާދީ ކުޑަވިޔަސް ރާއްޖޭގައި ބޮޑެތި އިންވެސްޓުމެންޓުތަކަށް ފުރުސަތު އެބައޮތް: ރައީސް

SHARE

އާބާދީ ކުޑަނަމަވެސް ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް އޮތް، އިޤްތިސާދީ ގޮތުން ފުޅާ މާކެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މާކެޓުގެ ސައިޒު ވަޒަންކުރަންވާނީ ހަމައެކަނި ދިވެހިރާއްޖޭގެ ދިރިއުޅޭ އާބާދީއަށް ބަލައިގެން ނޫން ކަމަށެވެ. ރާއްޖޭގެ މާކެޓުގެ ނިސްބަތް ކުޑަކޮށް ދެކެގެން ނުވާނެ ކަމަށާއި ރާއްޖެއަކީ ހަމައެކަނި ބައި މިލިއަން މީހުންގެ އާބާދީއެއް އޮތް މާކެޓެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި  ކޮންމެ އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ބައިނަލްއަޤްވާމީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބޮޑު މާކެޓާއެކު ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި އެތައް ދާއިރާއެއް އެބައޮތެވެ. ޚާއްސަކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޯލްޑް-ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތައް، ކާބޯތަކެތި ޕްރޮސެސްކުރުން އަދި މޫސުމަށް އެކަށޭނަ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ކޮލިޓީ ބޭސް އެތެރެކުރުމާއި، ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ކުންފުނިތަކަށް ރައީސް ދަޢުވަތު އެރުވިއެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، ސާފު ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި އިންވެސްޓްމަންޓް ފްރޭމްވޯކް ހަރުދަނާކޮށް، ދަޢުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި ފޯރަމަކީ ހަމައެކަނި ހެޔޮއެދުމުގެ ބަސްތަކަކުން ނިންމާލާ ފޯރަމަކަށް ނުހަދައި، ޢަމަލީ ގޮތުން ނަތީޖާ ނެރެދޭނެ އިންވެސްޓްމަންޓްތަކަކަށް ބަދަލުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.