MTCC

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ސޮއިކޮށްފި

large_thumb_1789975158104

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ސޮއިކޮށްފި

SHARE

ރާއްޖޭގެ ތާރީޚުގައި ވެސް ބޭރުގެ ފަރާތަކުން ހިންގުމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދިއުމަށްޓަކައި، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ކުންފުނި "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ "ބުރުޖު ޚަލީފާ" އާއި މަޝްހޫރު "ދުބާއީ މޯލް" ތަރައްގީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުހައްމަދު އަލާ އައްބާރުގެ އަމިއްލަ ކުންފުންޏެކެވެ. މި ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާ އަދި ޝާރްޖާ ފަދަ ގައުމުތަކުގައި ބިޔަ ވޯޓަރފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެކެވެ. މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫއޭއީގެ ދުބާއީގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، އީގަލް ހިލްސް ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާ އައްބާރު ބައިވެރިވެވަޑައިގެންނެވިއެވެ.

"ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ކުރިއަށްގެންދާ މި އިންޓަގްރޭޓެޑް މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ، ވެރިރަށް މާލެއާ ގާތްގަނޑަކަށް 17 މިނެޓުގެ ދުރުމިނުގައި އޮތް ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ގައެވެ. ރަސްމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން 65،000 ހައުސިން ޔުނިޓާއެކު ތަރައްގީކުރާ ޒަމާނީ އީކޯ-ސިޓީއެކެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓާތަކާއި ރިޒޯޓުތައް.
  • އަގުބޮޑު ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް.
  • ހިތްގައިމު ވޯކްވޭތަކާއި، މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކާއި ފިހާރަތައް.
  • ސިއްހީ އަދި ދުޅަހެޔޮކަމަށް ޚާއްސަ ވެލްނަސް ސެންޓަރުތައް.

އީގަލް ހިލްސްއިން ހާމަކޮށްފައިވާ ގޮތުގައި، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އާދަޔާޚިލާފު ކުރިއެރުންތަކެއް ލިބޭނެއެވެ. އެގޮތުން ރާއްޖޭގައި 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އަލަށް އުފެދިގެންދާއިރު، މަޝްރޫއު އެއްކޮށް ނިމުމުން، ރާއްޖެއަށް އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށާއި މަޝްރޫއުގެ މުޅި މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ދަމައިގަތުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހޯދުނު ބޮޑު ކާމިޔާބީއެކެވެ. މީގެ އިތުރުން ވެސް، މާލޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ މަރުކަޒެއް (ފައިނޭންޝަލް ސެންޓަރެއް) ގާއިމުކުރުމަށްޓަކައި ދުބާއީގެ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކު ދާދިފަހުން ދިވެހި ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.