ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިއީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން މުހިންމު 12 ދާއިރާއަކުން އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ދެ ގައުމުން ސޮއިކުރާނެ އެވެ.
އެގޮތުން ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި އަދި ދިފާއީ ދާއިރާ ހިމެނެ އެވެ. މީގެއިތުރުން، ދެކުނު އޭޝިއާގެ ސަރަހައްދީ ޖަމިއްޔާ، ސާކްގެ ހަރަކާތްތައް އަލުން ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ވަފުދަކާއެކު ރައީސް ޑރ. މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
މި ދަތުރުފުޅަށް މަރުހަބާ ދެންނެވުމަށްޓަކައި ޕާކިސްތާނު ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ދަތުރުފުޅުގެ އެޖެންޑާ އެކުލަވާލުމަށާއި ތައްޔާރީތައް ބެއްލެވުމަށް އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިޝްހާގް ދާރު ވަނީ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާތައް ރިވިއު ކުރައްވާފަ އެވެ.