MTCC

ރަސްމާލެ މަޝްރޫއުން ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ: މިނިސްޓަރ މުއްތަލިބު

381158_3_961bd153472d4473b4358243fb38ede2452d0ade_medium

ރަސްމާލެ މަޝްރޫއުން ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ: މިނިސްޓަރ މުއްތަލިބު

SHARE

ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން، މިދިޔަ މަހުގެ 29 ގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް މިނިސްޓަރު މުއްތަލިބު ވަނީ މެންބަރު ކުރެއްވި 20 ސުވާލަށް ޖަވާބު ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުން އެކުލަވާލާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކާ ގުޅޭ އުސޫލުތަކާ އެއްގޮތަށް ކަމަށާއި މިހާތަނަށް ސޮއިކޮށްފައިވަނީ ވިޔަފާރީގެ މައިގަނޑު އަސާސްތައް ބަޔާންކުރާ 'ކޮމާޝަލް ޓާމްސް' ގައި އެކަނި ކަމަށެވެ.

މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ އެންމެ ފަހުގެ އެއްބަސްވުން ހަދާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިންނެވެ. މީގެއިތުރުން އެއްވެސް ފަރާތަކަށް އޮޓޮމެޓިކުން ކުލީގެ މުއްދަތު އާވާ އުސޫލެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މުއްތަލިބު ވިދާޅުވީ ބިމުގެ ޕްރިމިއަމްގެ ގޮތުގައި އެ ކުންފުންޏަށް ލިބޭ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ހައްގުވާނެ ކަމަށެވެ. މާކެޓުގައި އަގުތައް އުފުލެމުންދާ ވަރަކަށް 3.1 ބިލިއަން ޑޮލަރަށްވުރެ ވެސް އެ އަދަދު މަތިވުން އެކަށީގެންވާ ކަމަށާއި، އޭގެ ތެރެއިން 500 މިލިއަން ޑޮލަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެޑްވާންސްކޮށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ އެހެން ޕްރޮޖެކްޓްތަކާ ޚިލާފަށް އިމްޕޯޓް ޑިއުޓީ މާފުނުކުރާނެ ކަމަށާއި، އެތަނުގައި ހިންގާ ވިޔަފާރިތަކުން ޓެކްސް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި އެ ކުންފުނިން އަޅާ 5,000 ހައުސިން ޔުނިޓަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ނިޒާމާއި ބޭރު ފައިސާގެ ދައުރުވުން ހަރުދަނާކުރުމަށްޓަކައި، ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމާއި ސެކަންޑަރީ މާކެޓުގެ މުއާމަލާތްތައް ހިންގާނީ އެމްއެމްއޭގެ ހުއްދަ އޮންނަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށެވެ. އަދި އޮފްޕްލޭންކޮށް ވިއްކާ ޔުނިޓްތަކުގެ ފައިސާ ރާއްޖޭގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމަށްފަހު، ޑިވެލޮޕަރަށް ދޫކުރާނީ މަސައްކަތް ނިމޭ މިންވަރަކަށް ބަލައިގެންނެވެ.

ރަސްމާލޭގެ އެއްވެސް ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެކަން ތަކުރާރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް ހުއްޓިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތައް މައި އެއްބަސްވުމުގައި ބަޔާންކުރާނެ ކަމަށެވެ. މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ދިވެހިންގެ ގެދޮރުވެރިކަމުގެ ސިޔާސަތަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، މަސައްކަތް ހިނގަމުންދާއިރު 54,000 ވަޒީފާ އަދި މަޝްރޫއު ނިމުމުން ދާއިމީ 15,000 ވަޒީފާ އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މުޅި މަޝްރޫއު ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވުމުން، ބޭރުގެ އެއްވެސް ގައުމަކާއެކު އޮންނަ ޚާރިޖީ ގުޅުމަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.