ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނިން ވަނީ މާލެއާއި ވިލިމާލެ ދެމެދު އަޅަންޖެހޭ އެންމެ ފަހު ސެގްމަންޓް އެޅުމުގެ މަސައްކަތް ނިންމާލާފައެވެ. މިއާއެކު ދެ ރަށުގެ ދެމެދުގައިވާ މުޅި ބްރިޖު މިހާރު ވަނީ އެއްކޮށް ގުޅިފައެވެ. މިއީ މި މަޝްރޫޢަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެފްކޮންސްއިން ބުނި ގޮތުގައި، ބްރިޖުގެ މައި ސްޓްރަކްޗަރ ގުޅާލެވުނު ނަމަވެސް، އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނީ ފިނިޝިންގ މަސައްކަތްތައް ނިމުމުންނެވެ. އެގޮތުން، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ޖަހާ ރޭލިންގތައް ހަރުކުރުމާއި، މަގުބައްތި ޖެހުން ފަދަ މުހިންމު ފިނިޝިންގ މަސައްކަތްތަކެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު ޚަރަދުވާ މި ބިޔަ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ އިޤްތިސާދީ މައިބަދައާ ގުޅިފައިވާ މި މަޝްރޫޢުގެ ދަށުން، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ ވިއުގައެއް ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ އެހެން ސަރަޙައްދުތަކުގެ މަސައްކަތްތަކަށް ބަލާއިރު، ގުޅިފަޅުގައި ބްރިޖާ ގުޅޭ އެކްސެސް މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ތިލަފުށީ ކޮޅުގައި މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މަޢުލޫމާތުދެއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށުމެވެ.