ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި މީހުން ސަލާމަތްކުރުމުގެ ޤައުމީ ވާޖިބުގައި އުޅެނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް އަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ނާފިއުގެ އާއިލާ ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް މިނިސްޓަރާއި ސީޕީ ވަޑައިގެންނެވެ. މި ޒިޔާރަތުގައި މިނިސްޓަރު އިޙްސާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ފޮނުއްވި ތައުޒިޔާއާއި ހިތްވަރުގެ މެސެޖު ރައްދުކޮށްދެއްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރު އޮތީ އާއިލާއާއެކު ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ޤައުމީ އަދި އިންސާނީ ޚިދުމަތުގައި ދެމިހުންނަވަނިކޮށް ނާފިޢު ގެއްލުމުން ލިބުނު ފުން ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާ ކަމަށާއި ނާފިއު ދެއްކެވި ހިތްވަރާއި ޤުރުބާނީއަކީ ފުލުހުންގެ ޚިދުމަތުގެ މަތިވެރި ރޫޙު ދައްކުވައިދޭ ނަމޫނާއެއްކަން ފާހަގަކުރައްވައި، މުއައްސަސާގެ ފުރިހަމަ އެއްބާރުލުމާއި ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކު އޮންނާނެ ކަމަށެވެ.
މީގެ ކުރިން، މި ހިނގާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު މިނިސްޓަރާއި ކޮމިޝަނަރ ވަނީ ނާފިއުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ވެސް ބައްދަލުކުރައްވައި ހާލު ބައްލަވާލައްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4″ ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެންނެވެ. އެ ދޯނިން ދަތުރުކުރި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، މުޙައްމަދު ޙަމްދޫން (35އ) އާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33އ) ގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) ވަނީ ކަނޑުވެ ގެއްލިފައެވެ. މި ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.