MTCC

މާލޭގެ ބައެއް ބަސް ރޫޓުތަކަށް މާދަމާ ބަދަލު ގެންނަނީ

Bus travelling and bus stops around male
Bus travelling and bus stops around male

މާލޭގެ ބައެއް ބަސް ރޫޓުތަކަށް މާދަމާ ބަދަލު ގެންނަނީ

SHARE

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކާ ގުޅިގެން، މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުގެ ބަސް ދަތުރުތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، މާދަމާ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ސަބަބުން، މަގުތަކުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ބައެއް ރޫޓުތަކުގެ ޚިދުމަތް މެދުކަނޑާލުމާއި ރޫޓުތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގެނެވޭ ބަދަލުތަކަށް ބަލާއިރު، މާދަމާ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް، ނުވަތަ ހަރަކާތްތައް ނިމެންދެން އޯކިޑް ރޫޓް (R10) އަދި އަމީނީ ރޫޓް (R11) ގެ ބަހުގެ ޚިދުމަތް މުޅިން މެދުކަނޑާލެވޭނެއެވެ.

މީގެ އިތުރުން، މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑުގެ ހަރަކާތްތައް ނިމެންދެން، ރޫޓް 2 އަދި ރޫޓް 8 ގެ ބަސްތައް ކާނިވަލް ސަރަހައްދަށް ދަތުރެއް ނުކުރާނެއެވެ. އެމްޓީސީސީ އިން ބުނީ މި ދެ ރޫޓުގެ ބަސްތައް އެ ވަގުތުތަކުގައި ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލަށް ކަމަށެވެ. އަދި މާފަންނު ބަސް ޓާމިނަލަށް ކުރާ މި ދަތުރުތަކުގައި، އާންމުކޮށް ރޫޓް 10 ބޭނުންކުރާ ބަސް ހުއްޓިތަކަށް ބަސް މަޑުކުރާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ބަދަލުތަކަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތައް ބަންދުކުރުމާއި ޓްރެފިކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ގެނެވޭ ބަދަލުތަކެކެވެ. ބަސް ދަތުރުތަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީ އިން އިލްތިމާސްކުރެއެވެ.