MTCC

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

f9f056c8-ceb5-4eec-8bcc-78cb2e8cb13c-768x512

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އެޅުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޢަފޫރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ 29,490 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ގިނަ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ދެވޭނެ އިންތިޒާމުތަކާއެކުގައެވެ. އެގޮތުން މި ކޯޓު ކޮމްޕްލެކްސްގައި ސިވިލް ކޯޓ،ު ކްރިމިނަލް ކޯޓ،ު ޑްރަގް ކޯޓ،ު ޖުވެނައިލް ކޯޓ،ު ފެމިލީ ކޯޓު އަދި ހައި ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސްތައް ގާއިމުކުރެވޭނެއެވެ.

މި ބޮޑު މަޝްރޫޢަކީ ޖުމްލަ 699.86 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ހުޅުމާލޭގައި މި ކޯޓު ކޮމްޕްލެކްސް ބިނާކޮށް ނިމުމުން، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެއެވެ. މިއީ ސަރުކާރުން ރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.