MTCC

އަންނަ ޖެނުއަރީގެ ނިޔަލަށް މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލެވޭނެ: ސައީދު

RTL-laamu-1024x683

އަންނަ ޖެނުއަރީގެ ނިޔަލަށް މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލެވޭނެ: ސައީދު

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ހައިސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދީ، މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އާރުޓީއެލްގެ ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ފޯރުކޮށްދެމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް 35 ހައިސްޕީޑް ލޯންޗު ބޭނުންކުރަމުންދާއިރު، މި ޚިދުމަތް ނުފެށި އޮތީ އެންމެ 5 އަތޮޅެއްގައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެ ހުރިހާ އަތޮޅަކަށް ޚިދުމަތް ފުޅާކޮށް، މުޅި މަޝްރޫޢު އެއްކޮށް ނިންމާލުން ކަމަށެވެ.

ދަތުރުފަތުރުގެ ނިޒާމަށް ގެންނަ މި އިންގިލާބީ ބަދަލުގެ އިތުރުން، ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާރު އޮންލައިންކޮށް 24 ގަޑިއިރު ލިބެމުންދާ ޚިދުމަތްތައް، "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މާ ފުރިހަމަ ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އެއްގަމު ދަތުރުފަތުރާ ގުޅޭ ޚިދުމަތްތަކާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތްތަކެއް އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން އެއްކޮށް ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. މި މަސައްކަތުގެ ދަށުން "އީފާސް" ނުވަތަ އެނޫންވެސް ލުއިފަސޭހަ ނިޒާމެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.