މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފޯރުކޮށްދޭ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ހިދުމަތްތަކެއް، އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭނުންކުރަމުންދާ ސިސްޓަމަކީ ބައު ސިސްޓަމެއް ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ "ވަން ގަވް" ނެޓްވޯކްގެ ތެރެއިން މުޅިން އައު، ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި އައު ނިޒާމު ތައާރަފުވުމުން، މިހާރު ޓްރާންސްޕޯޓްގެ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާއި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ނަމަވެސް މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް "ވަންގަވް" މެދުވެރިކޮށް ވުޒާރާއިން މިހާރު ކުރަމުންދާ ވާހަަކަ ދަންނަވަން، އަދި "ވަންގަވް" އަށް ޓްރާސްޕޯޓްގެ ހިދުމަތްތައް ބަދަލުވުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލައިގެންގޮސް ދާއިމީ ހައްލެއް ލިބިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ "ވަން ގަވް" އާ ހަވާލުކޮށްގެން، ވަރަށް ސާފު ތަސައްވުރެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން،" ސައީދު ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްގަމު ދަތުރުފަތުރާ ގުޅޭ ހިދުމަތްތައް ފުރިހަމައަށް ޑިޖިޓަލައިޒް ކުރެވުނުކަން ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް އިއުލާނުކުރާނީ، ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކެއްގެ އެންޑޯސްމެންޓް ނުވަތަ ރުހުން އެކަމަށް ލިބުމުންނެވެ. މި ބަދަލާއެކު، ލައިސަންސް ނެގުމާއި އުޅަނދު ރަޖިސްޓްރީ ކުރުން ފަދަ ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ގިނަ ހިދުމަތްތަކެއް އިތުރަށް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.