MTCC

25 އަހަރު ހިދުމަތްކުރާ ފުލުހުންނަށް ރިޓަޔާކުރުމުން ވެސް ބޭސްފަރުވާގެ ހިދުމަތް ލިބޭގޮތް ހަމަޖައްސަނީ

Whats_App_Image_2026_06_28_at_21_16_36_9c4128bb35

25 އަހަރު ހިދުމަތްކުރާ ފުލުހުންނަށް ރިޓަޔާކުރުމުން ވެސް ބޭސްފަރުވާގެ ހިދުމަތް ލިބޭގޮތް ހަމަޖައްސަނީ

SHARE

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ދުވަހު އުޅުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ މިފަދައިން ވިދާޅުވީ، ފުލުހުންގެ 91 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ރިޓަޔާކުރާ ފަރާތްތަކަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެކަށީގެންވާ އިނާޔަތެއް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް މި ހިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާކަން،" ކޮމިޝަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންނަށް ކުރިމަތިވެފައިވާ ގެދޮރާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމީ އަދި ފަންނީ ކުރިއެރުމުގެ އިތުރުން، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި ވަސީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ވަނީ 2004 ވަނަ އަހަރު ޒަމާނީ ފުލުހުންގެ މުއައްސަސާ ވުޖޫދުވީއްސުރެ، މި މުއައްސަސާ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ބްރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުއަށާއި، އެކި ދުވަސްވަރު ކޮމިޝަނާގެ މަގާމު ފުރުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"އެއީ ގެދޮރުގެ ދަތިކަން ވިޔަސް، ބޯހިޔާވަހިކަމުގެ ދަތިކަން ވިޔަސް، ތައުލީމާއި ފަންނީ ކުރިއެރުމުގެ ދާއިރާ ކަމަށްވިޔަސް، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތަކާއި އުމްރާނީ ތަރައްގީ ކަމަށްވިޔަސް، މިހެން ހުރި ހުރިހާ ދާއިރާއަކުން އިއްޒަތްތެރި ރައީސް އިސް ނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާއިރު، އެކަމުގައި ތިޔަބޭފުޅުންގެ ހައްގުގައި އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދިވެހި ކޮންމެ ފުލުހަކަށް އަދި ފުލުހުންގެ އެންމެހާ އާއިލާތަކަށް އަޅުގަނޑު މިވަގުތު އެ ޔަގީންކަން އަރުވަން،" ކޮމިޝަނާ ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ހުރިހާ ހަކަތައެއް ވަނީ ރައްޔިތުންނާ އެކުގައެވެ. އަދި ފުލުހުންގެ ވަސީލަތްތަކާއި އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވެ، ފެންވަރާއި އިލްމީ ތަޖުރިބާ މަތިވެ، ހިދުމަތްތައް ފުޅާވަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ޒައާމަތުގައި ފުލުހުންގެ މުއައްސަސާއަށް ހާއްސަ ނަޒަރަކުން ބައްލަވާކަން ފާހަގަ ކުރައްވައި އަހުމަދު ވިދާޅުވީ ފުލުހުންގެ ކަންބޮޑުވުންތައް ރައީސް ޑރ. މުއިއްޒު ބައްލަވަނީ ވަރަށް ގާތުން ކަމަށެވެ. އެގޮތުން ހިދުމަތް ހަރުދަނާ ކުރުމަށާއި ފުލުހުންގެ ދިރިއުޅުން ފަހި ކުރެވޭނެ މަގުތައް ދިރާސާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.