މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޢިމާދުއްދީން ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި، މިއާންޒް ކޮލެޖަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮލެޖުން ދެއްވާ ހަނދާނީ ފިލާ، އެ ބޭފުޅުންނާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވި ދުވެލީގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. އަދި އެ ކޮލެޖުގެ ފަރާތުން ޤައުމީ ފެންވަރުގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅިގެންދިޔުމަކީ މުޅި ދައުލަތްވެސް އުފާކުރާ ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ތައުލީމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލެއް ކަމަށާއި، ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ މައިގަނޑު ވަސީލަތް ކަމަށެވެ. އަދި ތަޢުލީމީ މީހެއްގެ ކިބައިން ފާޅުވާންޖެހޭނީ ހަރުދަނާ އަޚްލާޤީ ސިފަތަކެއްކަން ހަނދާންކޮށްދެއްވަމުން، ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި އަދި މަސައްކަތުގައި ފަރުވާތެރި ފަޚްރުވެރި ދިވެހި ދަރިންތަކަކަށް ވުމަށް ދަރިވަރުންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން ރައީސް އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މި ހަދިޔާ އެކަމަނާއަށް ޙަވާލުކޮށްދެއްވީ އެ ކޮލެޖުގެ ފައުންޑާ އަދި ޗެއާމަން އަހުމަދު މުއްތަކީއެވެ.
މީގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި "މިއާންޒް"ގެ ރަސްމީ ލަވަ އިފްތިތާޙްކުރުމާއި، އެ ކޮލެޖުގެ "ސްޓޫޑަންޓް އެސޯސިއޭޝަން އެގްޒެކެޓިވް ކޮމިޓީ" އިޢުލާންކުރުން ވެސް އޮތެވެ. އަދި ކޮލެޖަށް 5 އަހަރާއި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވެސް ވަނީ ދީފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، މިއާންޒް ކޮލެޖުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.