MTCC

އެތެރެކުރަން އުޅުނު 1،100 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

big-8vvrgskbyr0qg05mz7xtwe9f0-876x583

އެތެރެކުރަން އުޅުނު 1،100 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

SHARE

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1،100 އަށްވުރެ ގިނަ ވޭޕް ކާޓްރިޖާއި، ވޭޕް ކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ޑިވައިސްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރިކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ބަލާފާސްކުރުމެކެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި ފޮރުވާފައި ހުރީ އާންމުކޮށް ކައިބޮއެ އުޅޭ ތަކެތީގެ ތެރޭގައެވެ. އެގޮތުން ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ބަންދުކޮށްފައި ހުރި ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް އޮޅުވާލައިގެން މި ތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވާކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި، ވޭޕް ކުރަން ބޭނުންކުރާ 27 ޑިވައިސް ވަނީ އަތުލައިގެންފައެވެ. މިހާރު މި ހުރިހާ ތަކެއްޗެއް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސަރުކާރުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމަވައި، ދުންފަތުގެ ބާވަތްތަކާ ގުޅޭ ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ކަސްޓަމްސްއިން ވަނީ މިފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ގަވާއިދާ ހިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ.