"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،000 އަށްް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 58,505 އެޕްލިކޭޝަނެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 35,930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22,575 އެޕްލިކޭޝަނެވެ.
މި މަޝްރޫއުތައް ބެހިފައިވާ މައިގަނޑު ދެ ބަޔަށް ބަލާއިރު، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް 45,644 އެޕްލިކޭޝަން (35,818 ފްލެޓް، 9,826 ގޯތި) ހުށަހަޅާފައިވެއެވެ. އަދި "ގޯތިގެދޮރު" ޕްރޮގްރާމަށް ޖުމްލަ 12,861 އެޕްލިކޭޝަން (12,749 ގޯތި، 112 ފްލެޓް) ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ސުންގަޑި މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އަށް ހަމަވި ނަމަވެސް، "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވުމުން، ސަރުކާރުން ވަނީ އެ ރޭ ދަންވަރު 2:00 އާ ހަމައަށް ސުންގަޑި އިތުރުކޮށްދީފައެވެ.
މި ފަހަރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް އުސޫލުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި، ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެއް ފަރާތަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތައް ލުއިކޮށްދިނުން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން ހުޅުމާލެއާއި ވިލިމާލޭގައި ބައެއް ފްލެޓްތަކުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. އަދި އަތްފޯރާ ފަށުގައި އަގުހެޔޮކޮށް ފްލެޓް ގަންނަން ލިބޭނެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.