MTCC

ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ރައީސް

ފޮޓޯ: ރައީސް

ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ރައީސް

SHARE

އަމިއްލައަށް ފެނިގެން ލޭ ހަދިޔާ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ އިންސާނީ ފުރާނަ ސަލާމަތްކުރުމުގެ އަގުނުކުރެވޭފަދަ މަތިވެރި މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ އެ ދީލަތި އެހީތެރިކަމަކީ، ދިގުމުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކިތަންމެ ކުރިއަރާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ގައުމީ ފެންވަރުގައި ކުރިމަތިވާ ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، މެޑިކަލް އިމަޖެންސީގެ ވަގުތުތަކުގައި ބޭނުންވާ ލޭ އަވަހަށް ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާތީ، އެކަކު އަނެކަކަށް އެހީތެރިވުމާއި ޒިންމާދާރުކަމާއެކު ލޭ ހަދިޔާކުރުމުގެ ސަގާފަތެއް ގައުމުގައި އާލާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދުވަހާ ގުޅިގެން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ދައްކުވައިދެނީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެއް ކަމަށާއި، އެއީ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބޭ އުއްމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި ފުރާނައެއް ސަލާމަތްކުރުމަކީ ކޮންމެހެން ބޮޑު ކަމެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ލޭ ހަދިޔާކުރުން ފަދަ ކުޑަ އަމަލަކުންވެސް މީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ

އަގުވަޒަންކުރުމާއި، ރައްކާތެރި ލޭ ބޭނުންވާ މިންވަރާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.