މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި، ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.
ޕީޖީ މިކަމަށް ގޮވާލެއްވީ އޮސްޓްރިއާގެ ވިއެނާގައި މިހާރު ކުރިއަށްދާ، އދ. ގެ ކުށްކުރުން ހުއްޓުވުމާއި ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން (ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް) ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހުގެ 1 އިން 5 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެގެން ހިންގާ މިފަދަ ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމްތަކުގެ ސަބަބުން އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ގެއްލޭ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މީގެ ތެރޭގައި އެއް ޤައުމަށްވުރެ ގިނަ ޤައުމުތަކަށް ފެތުރިފައިވާ "ޓްރާންސް-ނޭޝަނަލް ފްރޯޑް" މައްސަލަތައް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޢައްބާސް ޝަރީފްގެ ވާހަކަފުޅުގައި، މިފަދަ ބޮޑެތި ކުށްތަކަކީ އެއް ޤައުމަކުން އެކަނި މަސައްކަތް ކޮށްގެން ހުއްޓުވޭނެ ކަންކަން ނޫންކަން ފާހަގަކުރެއްވިއެވެ. މިކަން ޙައްލުކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގޭނެ ހަރުދަނާ ނިޒާމެއް އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއިން މިފަދަ ތަޙުޤީޤުތަކަށް ދެވެން އޮތް އެންމެހައި އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު އެރުވިއެވެ.
މި ކޮންފަރެންސްގެ ހަވާސާގައި ޕީޖީ ވަނީ އެކި ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ދަތުރުފުޅުގައި ޕީޖީގެ އަރިހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއާއި، އަޝްފާޤު ނަޢީމްގެ އިތުރުން އަޙްމަދު އައިމަން ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް އަކީ މުޅި ދުނިޔޭގައި ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ އދ. ގެ އެންމެ މުހިންމު އެއް އިދާރާއެވެ.