ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ހިންގާ ބޮޑު އޮޕަރޭޝަން، މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށައިފިއެވެ.
މި އޮޕަރޭޝަން މެދުކަނޑާލަން ޖެހުނީ، މިދިޔަ ހޮނިހިރު ދުވަހު މި މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ. ރަސްމީ އިއްޒަތުގައި އޭނާގެ ޖަނާޒާ މާލޭގައި ބާއްވާފައިވާއިރު، މިއީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން އަލުން ފަށާފައިވަނީ ރާއްޖެއަށް އައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރެސްކިއު މިޝަންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހުގައެވެ.
ނަމަވެސް، މިއަދުގެ މަސައްކަތްތައް ބިނާވެފައިވަނީ ސައިޓް ބަލައި ބޭރުގެ ޓީމާ އެކު ފެމިލަރައިޒްވުމުގެ މައްޗަށެވެ. އެހެންކަމުން، މިއަދު މާ ފުނަށް ފީނުމުގެ މަސައްކަތް ކުރިއަކަށް ނުގެންދާނެއެވެ. ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރުއޯވީ) ބޭނުންކުރަން ފެށި ނަމަވެސް، ކަނޑުގެ އޮއިވަރު ހުރި ގޮތުން އެ ވަސީލަތް ބޭނުންކުރުން މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން، ދިވެހި ފުލުހުންގެ ޑައިވަރުންގެ ޓީމަކާއި، ޓެކްނިކަލް ސަޕޯޓް ދިނުމަށް މޫދުގެ ސާވޭތައް ކުރާ ވޮލަންޓިއަރުންގެ ދެ ޓީމެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހި ޑައިވަރުން ދެން މާ ފުނަށް ނުފީނާނެއެވެ. ދިވެހި ޓީމުން ކުރާނީ ކޮންމެހެން ކުރަންޖެހޭ ރިކްރިއޭޝަނަލް ސްކޫބާ ޑައިވްތައް އެކަނި ކަމަށާއި، ހޮހަޅައިގެ ފުނަށް ކުރަންޖެހޭ ނުރައްކާތެރި ޑައިވްތައް ކުރާނީ ހޮހަޅައަށް ފީނުމުގެ ހާއްސަ ތަޖުރިބާ އާއި ޓެކްނިކަލް ސާމާނާއެކު އައިސްފައިވާ ފިންލެންޑުގެ ޓީމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިޓަލީގެ ފަސް މީހުން ފީނަން ގޮސް އުޅެނިކޮށް ގެއްލުނުއިރު، އޭގެ ތެރެއިން އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ ހަމަ އެދުވަހު 60 މީޓަރު އަޑިން ހޮހަޅައެއްގެ ތެރެއިން ފެނިފައެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ ގާތްގަނޑަކަށް 200 ފޫޓުގެ ދިގުމިން ހުންނަ އެ ހޮހަޅައިގެ ތެރޭގައެވެ.
މި އޮޕަރޭޝަންގައި އިޓަލީގެ "ޑޭން" ނަމަކަށް ކިޔާ ކުންފުންޏަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިއްޔެ ސަސްޕެންޑު ކޮށްފައެވެ.