MTCC

ޑޮލަރުގެ މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލާއި، ދެއްކި ދަރަންޏާ ގުޅުމެއް ނެތް: ތަރުޖަމާނު

Screenshot

ޑޮލަރުގެ މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލާއި، ދެއްކި ދަރަންޏާ ގުޅުމެއް ނެތް: ތަރުޖަމާނު

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ބަދަލު ގެނައީ ސަރުކާރުން ދަރަނިތަކެއް ދެއްކުމުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދޮގުކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދެއްކި ބޮޑު ދެ ދަރަންޏާ ބީއެމްއެލްގެ ނިންމުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް 2 ގައި 524 މިލިއަން ޑޮލަރުގެ ސުކޫކެއް އަދި އޭޕްރީލް 23 ގައި އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ދައްކައި ޚަލާސްކޮށްފައެވެ.

"އަޅުގަނޑުމެން މި ދެއްކި ލޯނުތަކާ ގުޅިގެން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް ނާދޭ ލޮޅުމެއް ނުވަތަ ޑިފިކަލްޓީއެއް. ސަރުކާރުން މި ކްލިއާ ކުރި ދަރަނި ކްލިއާ ކުރުމަކާ ބީއެމްއެލްގެ މިކަމަކާ ގުޅުމެއް ނެތް" މުންދު ވިދާޅުވިއެވެ.

ބީއެމްއެލް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ހަނިކުރުމަށާއި، އޮންލައިންކޮށް ބޭރު ފައިސާއިން ކުރާ ވިޔަފާރިތަކަށް ދީފައިވާ ބައެއް ލުއިތައް ހިފެހެއްޓުމަށް ނިންމާފައެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތައް އަޅަން ޖެހުނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ބޭރުވާ މިންވަރު އިތުރުވުމާއި، ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި މި ޚިދުމަތް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ.

މި ބަދަލާ އެކު، ބޭންކުން މިހާރު ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް ބޭނުންކުރެވޭނެ ޑޮލަރުގެ މިންވަރު ލިމިޓްކޮށް، ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކަށް ވަކި އުސޫލެއް ކަނޑައަޅާފައެވެ. ބޭންކުން ބުނެފައިވަނީ މިއީ ހުރިހާ ކަސްޓަމަރުންނަށްވެސް ހަމަހަމަކަމާއެކު ބޭރު ފައިސާ ފޯރުކޮށްދިނުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ބައެއް އާންމުންނާއި ސިޔާސީ ފަރާތްތަކުން ސަރުކާރުގެ ދަރަނި ދެއްކުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން ކުރިމަތިވީ ކަމަށް ބުނަމުންދިޔަ ނަމަވެސް، ސަރުކާރުން ވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން މިއަދު ކަށަވަރުކޮށްދީފައެވެ.