MTCC

ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކަކީ ދޮގެއްކަން ރައްޔިތުން ގަބޫލުކުރޭ: ޝުޖާއު

cscsc

ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކަކީ ދޮގެއްކަން ރައްޔިތުން ގަބޫލުކުރޭ: ޝުޖާއު

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ފަތުރަމުންދާ އެކި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނޫސްވެރިންގެ ބައްދަަލުވުމުގައި ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒުގެ އަބުރު ކުޑަކޮށް، އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ހިތުހުރިހާ ތުހުމަތުތަކެއް ކުރަމުންދާ ކަމަށާއި، މިއީ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ބޭރުން ހިންގާ އަމަލުތަކެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެއިތުރުން، ކޮންމެ މީހެއްގެ މައްޗަށް ވެސް ހަގީގަތާ ޚިލާފު ތުހުމަތެއް ކުރެވޭނަމަ، އެކަމެއް ބެލުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމެއް ކަމަށާއި، މި ގައުމުގައި ގާނޫނު ހިނގަންޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި، ރައްޔިތުންނަށް ދައްކަން އުޅޭ ފަދަ އަމަލެއް ކުރައްވާނެ ބޭފުޅެއް ނޫންކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ. ރައްޔިތުންނަށް އެނގޭ މިއީ ސިޔާސީ މަގްސަދެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކުޑަކޮށް، ސަރުކާރުގެ އަގުވައްޓާލަން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން. ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމަކީ ހިތުހުރިހާ ދޮގު މައުލޫމާތެއް ފަތުރައި، މީހުންގެ އަބުރަށް އަރައިގަތުމަށް އޮތް ފުރުސަތެއް ނޫން."

ހަަމަމިއާއެކު ޝުޖާއު ވިދާޅުވީ ހިތުހުރިހާ ވާހަކައެއް ދެއްކުމަކީ ސިޔާސީ ޕާޓީތަކަށް ލިބިގެންވާ "ލައިސެންސެއް" ނޫން ކަމަށާއި، އިދިކޮޅު އެމްޑީޕީން ކުރަމުންދާ ކަންކަމަކީ ގައުމަށް ހެޔޮއެދިގެން ކުރާ ކަންކަން ނޫން ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޑރ މުއިއްޒު އާ ގުޅުވައިގެން "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމަންޓްރީގައި ހިމެނޭ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވި އެންމެންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް ވަނީ ކަމާބެހޭ މުއައްސަސާތަކުގައި އެދިވަޑައިގެންފައެވެ. ފުލުހުން ވަނީ މި މައްސަލައިގައި "ޤަޒުފު" (މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު އިލްޒާމް އެޅުވުން) ކުރުމުގެ ތުހުމަތުގައި ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދަދު ނޫހުގެ ސީއީއޯ އަދި އެޑިޓަރުވެސް މި މައްސަލައިގައި ވަނީ ފުލުހަށް ހާޒިރުކޮށްފައެެވެ.