ރާއްޖެއިން އޭޝިޔާ އަދި އެފްރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކޮށްފައިވާ ކަމަށާއި މިހާރު އެއަށް އަމަލުކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ، ޗައިނާ އަކީ ވަރަށް ގިނަ ބާވަތްތަކުގެ މުދާ އެތެރެ ކުރާ ގައުމަކަށްވުމާއެކު، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބޭނުން އިރެއްގައި މުދާ އެތެރެކުރުމުގެ އިންތިޒާމެއް ހަމަޖައްސަން ވެއްޖެނަމަވެސް، ތިބީ އެކަން ކުރެވޭ ހިސާބުގައި ކަމަށެވެ. އޭނާ ވިދާޅުވީ މެލޭޝިޔާއާއި އިންޑޮނޭޝިޔާއާއި ތައިލޭންޑާއި ކެމްބޯޑިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
ހަމަމިއާއެކު، ކުރިން ވިޔަފާރީގެ ގުޅުން ނެތް ގައުމުތަކާއެކުވެސް، ގުޅުން ބަދަހިކުރަމުން އަންނަ ކަމަށްވެސް، މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތަކެއް އެޅުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަމުން އަންނަ ކަމަށެވެ.
މީގެކުރިން ، މިނިސްޓަރު ސައީދުގެ އިތުރުން ރައީސް މުއިއްޒު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސާސީ ކާބޯތަކެތީގެ ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަރުކާރުން ވަނީ އެތަކެތީގެ އަގު އުފުލާކަށް ވެސް ނޫޅެ ކަމަށް ހާމަކުރައްވާފައެވެ.