MTCC

ނުރައްކާތެރިކޮށް ދުއްވުމުން ޖޫރިމަނާ ބޮޑުކޮށް، އުޅަނދުގެ ވެރިފަރާތް ވެސް ޒިންމާކުރުވަނީ

މާލޭގައި ހިނގި އެކްސިޑެންޓެއް (ފޮޓޯ/ ސަން)

ނުރައްކާތެރިކޮށް ދުއްވުމުން ޖޫރިމަނާ ބޮޑުކޮށް، އުޅަނދުގެ ވެރިފަރާތް ވެސް ޒިންމާކުރުވަނީ

SHARE

ނުރައްކާތެރިކޮށް ދުއްވުމުން ކަނޑައަޅާފައިވާ ޖޫރިމަނާތައް ބޮޑުކޮށް، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުގެ ވެރިފަރާތް ވެސް ޒިންމާ ނަގަން ޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެއްވި މި ބިލުގެ އިބްތިދާއީ ބަހުސް ވަނީ މިއަދުގެ ޖަލްސާގަ ފަށާފަ އެވެ. މިފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ މެމްބަރު ވިދާޅުވި ގޮތުގައި މަގުމަތީގައި ނުރައްކާތެރިކޮށް އަމަލުތައް ބަހައްޓާ ފަރާތްތަކުގެ އަދަބު ހަރުކަށިކުރުމާއެކު އުޅަނދުތައް ބޭނުންކުރުމުގައި ތިން ވަނަ ފަރާތްތަކަށް ލިބޭ ޖިސްމާނީ ގެއްލުންތަކަށް ބަދަލު ހޯދޭނެ ގޮތެއް ކަނޑަ އެޅުމެވެ.

މި ބިލުގައި ވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަ ދުއްވުން ކަމަށް ބެލެވޭނެ އަމަލުތައް ވެސް ހިމަނާފަ އެވެ. އެއީ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން
  • އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި އިދިކޮޅަށް ދުއްވުން
  • އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ނުރައްކާތެރިކޮށް އޯވާޓޭކް ކުރުން
  • ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ޔޫޓާން ނެގުން

މި ބިލުގައި ހިމަނާފައިވާ މައިގަނޑު އިސްލާހުތަކުގައި ހުށަހަޅާފައިވަނީ ޖޫރިމަނާތައް އިތުރުކޮށް، މިހާރު ކަނޑައަޅާފައިވާ ޖޫރިމަނާތައް ބޮޑުކުރުމަށެވެ. އެގޮތުން އިމާޖެންސީ ބަރުގޮނު އަޅާފައިދާ އުޅަނދަށް ޖާގަ ނުދީ ދުއްވައިފިނަމަ، ނުވަތަ ހުރަސް އަޅައިފިނަމަ އެކަން ކުރި ފަރާތެއް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުށަހަޅާފއިވެ އެވެ. މިހާރުވެސް ގާނޫނު އޮންނަ ގޮތުން އިމާޖެންސީ ބަރުގޮނުއަޅާފަ ދާ އުޅަނދުތަކަށް ޖާގަނުދީ ދުއްވުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް އެ ކުށަށް ޖޫރިމަނާއެއް ނުވަތަ އަދަބެއް ކަނޑައަޅާފައެއް ނުވެ އެވެ.

މި ބިލުގަ ލައިސަންސް ނެތި ދުއްވާ މީހުންނަށް ކަނޑައަޅާފައިވާ ޖޫރިމަނާ ވެސް 10 ގުނަ ބޮޑުކުރުމަށް ހުށަހަޅާފައިވެ އެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ އެ ފަރާތެއް 10،000 ރުފިޔާއާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެ އުޅަނދު ދުއްވީ ވެރިފަރާތައް ނުވި ނަމަވެސް ދުއްވީ އޭނާގެ ހުއްދައާއެކު ކަމަށްވާނަމަ، އެ މީހަކު ވެސް 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ލައިސަންސް ނެތި ދުއްވާ މީހާގެ އަދަބަކީ ފުރަތަމަ ފަހަރަށް ވާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. ދެވަނަ ފަހަރަށް ވާނަމަ 1،500 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ދެ ފަހަރަށް ވުރެ ގިނަ ފަހަރަށްވާނަމަ، އިތުރަށް 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. މި މާއްދާ މިހާރު އޮތް ގޮތުން އުޅަނދުގެ ވެރިފަރާތް ޒިންމާދާރު ކުރުވޭ ގޮތެއް ނޯވެ އެވެ. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވަނީ އުޅަނދުގެ ވެރިފަރާތް ނޫން ނަމަވެސް، އެ އުޅަނދު ދުއްވީ އޭނާގެ ހުއްދައާއެކު ކަމަށްވާނަމަ، އޭނާގެ ލައިސަންސް 3 މަސްދުވަހާއި 6 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމަށް ވެސް މި ބިލުގައި ހުށަހަޅާފައެވެ އެވެ.

މި ބިލުގައި ތިމާގެ އުޅަނދަކުން އަނެކާއަށް ލިބޭ ޖިސްމާނީ އަނިޔާ އަށް ވެސް ބަދަލު ނެގޭ ގޮތަށް އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ. ޖިސްމާނީ އަނިޔާކަމަށް ބިލުގައި ބުނެފައިވަނީ ކުދި އަނިޔާއާއި ދާއީމީ ގޮތެއްގައި ދެމިގެންދާ އަނިޔާ އަށެވެ.

މިހާރު އެ މައްދާ އޮންނަ ގޮތުން ބަދަލު ނަގައިދެވެނީ ތިމާގެ އުޅަނދަކުން މީހަކަށް ނުވަތަ މީހެއްގެ އުޅަނދަށާއި ތަންތަނަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް އެކަންޏެވެ.