MTCC

ސިއްހީ ދާއިރާއަށް ބަޖެޓުން 10.2 ބިލިއަން ރުފިޔާ ހިމަނައިފި

1035x593-h3vIPNz7QZ1Wf09d8M1FT6LBccj7OoKRUiPj5T4Q

ސިއްހީ ދާއިރާއަށް ބަޖެޓުން 10.2 ބިލިއަން ރުފިޔާ ހިމަނައިފި

SHARE

ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމުގެ މަގުސޫދުގައި، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ސިއްހީ ދާއިރާއަށް ކަނޑައަޅައި، އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 59 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވަމުންފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ކުރިމަގާއި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި އެންމެ އެދެވޭ ސިއްހީ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

"2027 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް 2027 ވަނަ އަހަރުގައި ބޮޑު އިސްކަމެއް ދިފާއިވާނެ،". ޒަރީރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ރޭވިފައިވާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވަމުން ޒަރީރު ވިދާޅުވީ، ރާއްޖޭގައި ހުރި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އަލަށް އެ ފެންވަރަށް ގެނެވޭ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އާ އޮނިގަނޑެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ސަބަބުން، އަތޮޅުތަކުން ރައްޔިތުންނަށް ލިބޭ ޚާއްސަ ފަރުވާތަކުގެ ފެންވަރު އިތުރަށް އުސްމިންތަކަކަށް ގެންދެވޭނެއެވެ.

މީގެއިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނާއި އާލާތްތައް އެއް މަރުކަޒަކުން ހަމަޖެއްސޭނެ ހަރުދަނާ އިންތިޒާމެއް ގާއިމުކުރުމާއި، "ސްޓޭޓް ފާމާ" މެދުވެރިކޮށް ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެހެން ފަސޭހަކަމާއެކު އަސާސީ ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެ މަގު ތަނަވަސްކުރުންވެސް އަންނަ އަހަރުގެ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، އެކްސްރޭ، ޑެކޯ ޗެމްބަރު އަދި ދަތުގެ ފަރުވާ ފަދަ މުހިންމު ޑައިގްނޯސްޓިކް ޚިދުމަތްތައް ފުޅާކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި އަންހެނުންގެ ޚާއްސަ ބަލިތަކާއި، ވިހެއުމާއި ދަރިމައިވުމުގެ ދާއިރާއިން ދެވޭ ޚިދުމަތްތަކުގެ އިތުރުން ކަރުންމަތީގެ ބަލިތަކަށް ޚާއްސަ ފަރުވާތައް ފަދަ ސްޕެޝަލައިޒްޑް ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.