2027 ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭޏްސް މިނިސްޓްރީއިން ހުށަހެޅުއްވި ތަފުސީލުތަކުން ދައްކާ ގޮތުގައި ހިނގާ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 64.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދިވެހި ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ، ހިނގަމުންދާ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ ބަޖެޓެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީ އުޅެނީ 43.1 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭ 9.1 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާ ހިމެނެއެވެ.
ހަރަދުތަކުގެ ބަޔަށް ބަލާއިރު، އަންނަ އަހަރު ޖުމްލަ 52.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ހިނގާ އަހަރާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ. ނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ކެޕިޓަލް ހަރަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުކޮށްފައެވެ. އެގޮތުން މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހިމެނި ނަމަވެސް، އަންނަ އަހަރަށް އެ އަދަދު ވަނީ 9.8 ބިލިއަން ރުފިޔާއަށް މަތިކޮށްފައެވެ. އަދި އެހެނިހެން ހޭދަތަކަށް ކަނޑައެޅި މިންވަރު ވަނީ 14.8 ބިލިއަނުން 7.1 ބިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ނުވަތަ ދަރަނި 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާއެވެ.
މި ޑެފިސިޓް ފޫބެއްދުމުގައި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން ދަރަނި ނެގުން މަދުކުރުމަށް ސިޔާސަތު ބައްޓަންކޮށްފައެވެ. އެގޮތުން އެތެރޭގެ ފަރާތްތަކުން މި އަހަރު 19.2 ބިލިއަން ރުފިޔާ ނަގަން ޖެހުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 11.9 ބިލިއަން ރުފިޔާއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ބަދަލުގައި ބޭރުން ހޯދާ ފައިނޭންސިންގ ވަނީ މި އަހަރުގެ 5.3 ބިލިއަނުން އަންނަ އަހަރު 6.9 ބިލިއަން ރުފިޔާއަށް އިތުރުކުރަން ރާވާފައެވެ.