ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، އުއްތަމަ ފަނޑިޔާރުގެ އިތުރުން މިނިސްޓަރުންނާއި ލޯކަލް ކައުންސިލަރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށް ފާސްކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ތަޅުމުގައި ބަހުސްކުރުމަށްފަހު ނެގި ވޯޓުންނެވެ.
މަޖިލީހުގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ. ޖުމްލަ 55 މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ވޯޓުގައި އިދިކޮޅު 12 މެންބަރަކު ވަނީ މި އިސްލާހުތަކާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
މަޖިލީހުން ފާސްކުރި ނިންމުމާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިތުރު އެލަވަންސެއްގެ ގޮތުގައި މަހަކު 22،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިއާއެކު އެމަނިކުފާނުގެ މަހު އާމްދަނީ މިހާރު ލިބިވަޑައިގަންނަވާ 73،125 ރުފިޔާއިން 95،125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ. ކޮމިޓީން މި ބަދަލު ގެނައީ، މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ އާންމު މެންބަރުންނަށް ލިބޭ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް އުނިވުމުން، އެމަނިކުފާނުގެ އާމްދަނީ އާންމު މެންބަރެއްގެ އާމްދަނީއަށްވުރެ ދަށްވާތީ އެކަން ހައްލުކުރުމަށެވެ. މިހާރު މަޖިލީހުގެ އާންމު މެންބަރަކަށް އިނާޔަތްތަކާއެކު މަހަކު 82،250 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މުސާރަ ވެސް ވަނީ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކޮށްފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91,000 ރުފިޔާގެ އިތުރުން 4,125 ރުފިޔާގެ ހާއްސަ އެލަވަންސެއް ހަމަޖައްސައި، އެމަނިކުފާނުގެ މަހު އާމްދަނީ ވެސް ވަނީ 95,125 ރުފިޔާއަށް މަތިކޮށްފައެވެ.
މަޖިލީހުގެ މި ނިންމުމުގެ ދަށުން މިނިސްޓަރުން މަޖިލީހުގެ މެންބަރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ވަޒީރަކަށް މިހާރު ލިބިވަޑައިގަންނަވާ 58،500 ރުފިޔާގެ ބަދަލުގައި، އެލަވަންސްތަކާއެކު ޖުމްލަ 75،500 ރުފިޔާ މަހަކު ލިބިވަޑައިގަންނަވާނެއެވެ. މި ބަދަލު ގެނައީ ވަޒީރުންގެ މުސާރަ ނުބޮޑުވެ ގިނަ ދުވަސްތަކެއް ވެފައިވުމާއި، ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ ވެރިންގެ މުސާރައަށްވުރެ ވަޒީރުންގެ މުސާރަ ކުޑަކަމަށް ފާހަގަކުރެވިގެންނެވެ.
މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ލޯކަލް ކައުންސިލަރުންނަށް މަހަކު 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުން ވެސް ހިމެނެއެވެ. މި އެލަވަންސާއެކު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް އަދި ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާއިން 25،000 ރުފިޔާއަށް ވަނީ މަތިވެފައެވެ. މީގެއިތުރުން ކައުންސިލް މެންބަރުންގެ މުސާރަ ވެސް 18،000 ރުފިޔާއަށްވުރެ މައްޗަށް މިހާރު ވަނީ ބޮޑުވެފައެވެ.