ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް، ގައުމަށް ފައިދާހުރި ޒިންމާދާރު ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަށް ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވިދާޅުވެ ސަރުކާރުގެ 2040 ގެ ތަސައްވުރުގައި ބަައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ އިންވެސްޓަރުންނަށް ދައުވަތުދެއްވައިފިއެވެ.
ރައީސް މި ދައުވަތު ދެއްވީ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެ މިހާރު ދަތުރުކުރަމުން ދަނީ ތަރައްގީގެ މުހިންމު މަރުހަލާއެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ސަރުކާރުގެ 'ވިޝަން 2040′ ގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރެވޭނީ އިތުބާރު ހުރި އިންވެސްޓަރުންނާ ގުޅިގެން، އީޖާދީ މަސައްކަތްތައް ފުޅާކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށް، ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން އަލަށް އެކުލަވާލި ފޮރިން އިންވެސްޓްމަންޓް ގާނޫނަށް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއިން އިންވެސްޓްމަންޓްތައް ބަލައިގަތުމުގައި އިސްކަންދެނީ ހަމައެކަނި މާލީ މަންފާއަށް ނޫން ކަމަށާއި، އޭގެ ސަބަބުން ދިވެހިންނަށް އުފެދޭ ވަޒީފާތަކާއި، ހުނަރު އިތުރުކުރުމާއި، ސިނާއަތްތައް ކުރިއަރައިގެންދާ މިންވަރަށް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދެނީ ހަމައެކަނި މާލީ އިންވެސްޓްމަންޓްތަކެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އައު ސިނާއަތްތައް އުފެދި، ދިވެހިންގެ ފަންނީ ގާބިލުކަން އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ އިސް ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، މަސްވެރިކަން ޒަމާނީކުރުން، ޓެކްނޮލޮޖީ އާއި އޭއައި އަދި މާލީ އަދި ސިއްހީ ދާއިރާ ހިމެނޭހެން ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ރާއްޖެއިން އިސްކަންދޭ ކަމަށެވެ.
މީގެ އިތުރުން، ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ނަމޫނާ އިންވެސްޓްމަންޓްތަކެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ ބޮޑު މާކެޓަކަށް ފުރުސަތު ހުޅވިގެން ގޮސްފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ފާއިތުވި މުއްދަތުގައި 440 މިލިއަން ޑޮލަރުގެ މުދާ ޗައިނާއިން އެތެރެކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،" ރައީސް ވިދާޅުވިއެވެ.
ދެ ގައުމުގެ މާލީ ގުޅުން ބަދަހިވަމުން އަންނަކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ޑިޖިޓަލް ވޮލެޓްތައް ކަމަށްވާ އަލިޕޭ އަދި ވީޗެޓް ޕޭ މެދުވެރިކޮށް 11 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް (73،000 އަށްވުރެ ގިނަ) މުއާމަލާތް ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ މިފަދަ އިގުތިސޯދީ އެއްބާރުލުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.