ރާއްޖޭގެ މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުންފުހުގެ އަސަރު ކުރަމުންދާތީ ސިއްހީ ގޮތުން ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށާއި، މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދެމިއޮންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
ވައިގެ ކޮލިޓީ ބަލާ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ "އައިކިއުއެއާ" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން އުތުރުގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 158 އާއި 160 އާ ދެމެދުގައެވެ. މިއީ "ރަތް އެލާޓް" ގެ ދަރަޖައެއް ކަމަށްވާއިރު، އެންމެ ހާލަތު ގޯސްކޮށް ރިކޯޑުކުރެވިފައިވަނީ ހދ. ކުޅުދުއްފުށީ ސިޓީގައެވެ. މި މިންވަރަށް ވައި ތަޣައްޔަރުވުމަކީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް އަސަރުކޮށް، ދިގުމުއްދަތަކަށް ފަރުވާ ހޯދާ ބަލިމީހުންގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ.
މީގެއިތުރުން މެދުރާއްޖެތެރޭގައި ވެސް ވައިގެ ނުސާފުމިން ހުރީ އޭކިއުއައި 121 ގައެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާ މިންވަރެކެވެ. ނަމަވެސް ދެކުނުގެ ސަރަހައްދުތަކުގައި ވައިގެ ހާލަތު އަދިވެސް ރަނގަޅު ފެންވަރެއްގައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ދ. އަތޮޅުގެ ރޭޓިން 77 ގައި އަދި ލ. އަތޮޅުގެ ރޭޓިން 58 ގައި ހުރިއިރު، އެންމެ ސާފު ވަޔެއް މިވަގުތު ރިކޯޑުކުރެވެނީ އައްޑޫ ސިޓީ (39) އާއި ފުވައްމުލައް ސިޓީ (28) ގައެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ވައިގެ ތެރޭގައި ހަރުލާފައިވާ ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ އެންމެ ދެ ކިލޯމީޓަރަށް ތިރިވެފައެވެ. ސިއްހީ މިންގަނޑުތައް ބުނާގޮތުން ވައިގެ ސާފުމިން 0 – 50 އާ ދެމެދުގައި ހުރުމަކީ ރައްކާތެރި މިންވަރެކެވެ.
އެހެންކަމުން، މި ދުވަސްވަރު ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި، ހާއްސަކޮށް ހިތުގެ ބަލިތަކާއި ނޭވާހިއްލުން އަދި އެލާޖީގެ އުނދަގޫތައް ހުންނަ ފަރާތްތަކުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އަޅައިގެން އުޅުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކުރައްވާފައެވެ.