MTCC

މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފި

mpl-news-website-feature-image-size-3-800x468

މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފި

SHARE

ތިލަފުށީ ކާގޯ ކްލިއަރެންސް ޓާމިނަލުން މުދާ ހުރި ގޮތަށް ކޮންޓެއިނަރު (އެފްސީއެލް) ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

މިކަމަކީ މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ މުހިއްމު ބަޔެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށި މި ޚިދުމަތާއެކު، ވިޔަފާރިވެރިންނަށް މުދާ ކްލިއަރކުރުމުގެ ކަންކަން ކުރިއާލައި ރޭވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ތިލަފުށީ ކާގޯ ޓާމިނަލުން މި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. އަދި ކަސްޓަމްސް އިންސްޕެކްޝަންގެ ޚިދުމަތް ދެވޭނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.

އެމްޕީއެލުން ހާމަކުރިގޮތުގައި މި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމަށްޓަކައި މާލެއާއި ތިލަފުށި ދެމެދު ފެރީ ދަތުރުތައްވެސް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން، މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ފުރާނީ ހެނދުނު 8:00، މެންދުރު 1:00 އަދި ހަވީރު 4:15 ގައެވެ. އަދި ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 3:00 އަދި ހަވީރު 5:00 ގައެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤު ވަނީ، ތިލަފުށީގައި ޤާއިމުކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމި، 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމާއި މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ފެށޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ޚިދުމަތް ދިނުމަށް އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލަކީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތުތައް އެމްޕީއެލްގެ އިސްވެރިން ވަނީ އިމްޕޯޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކޮށް ހިއްސާކޮށްފައެވެ.