ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުޤީޤީ އިދާރާއަކުން ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފި ނަމަ، އެ ކޯޕަރޭޝަނުގެ ޤަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެމްކޯއިން ދީފި އެވެ
ގދ. ތިނަދޫ ސިޓީ ރޭޕް ކޭސްގެ މައްސަލައިގައި އެ އެ ކޯޕަރޭޝަނުގެ މުވައްޒަފެއް ހައްޔަރުކޮށްފައިވާ ކަމަށް ދައުރުވާ ޚަބަރުތަކާ ގުޅުވައި ވެމްކޯއިން ނެރުނު ބަޔާނެއްގައި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. މިފަދަ ޢަމަލުތައް ވެމްކޯއިން އެއްވެސް ހާލެއްގައި ބަލައިނުގަންނާ ކަމަށް ބުނެ ވެމްކޯއިން ވަނީ މިފަދަ ކުށެއްގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކު ބައިވެރިވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދީފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައާއި، އެ މާހައުލުން ބޭރުގައިވެސް މުވައްޒަފުންގެ އަޚުލާޤީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ ވެމްކޯގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަޤްސަދު ކަމަށެވެ. މި ޕޮލިސީ ފަރުމާ ކުރެވިފައިވަނީ މިފަދަ ރިވެތި އަޚުލާޤީ މިންގަނޑުން ބޭރުވެ ނޭއްގާނީ އެކިއެކި ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުޤީޤީ އިދާރާއަކުން ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފި ނަމަ، އެ ކޯޕަރޭޝަނުގެ ޤަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ. މީސްމީޑިއާގައި ފެތުރެމުންދާ ދޮގު ޚަބަރުތަކަށް ނުހެއްލި ތަހުގީގީ އިދާރާތަކުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.