ރާއްޖޭގެ އެންމެ އިސް ފަނޑިޔާރު، އުއްތަމަ ފަނޑިޔާރުގެ މުސާރަ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާ އެއްފެންވަރަށް ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތަކުގައި ވަކި ހަމައެއް ނުވަތަ ފެންވަރެއް ދެމެހެއްޓުމުގެ ގޮތުން އުއްތަމަ ފަނޑިޔާރަށް ވެސް މަޖިލީހުގެ ރައީސްއާ އެއްވަރުގެ މުސާރައެއް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، އެގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމުލަ މުސާރަ 95,125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަށްވުރެ ކުޑަވެފައި އޮތުމުން، އެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ ކޮމިޓީއަކުން ނިންމައި އެކަން ފާސްވެފައި ވާތީއެވެ.
އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު މަމްދޫހެވެ. އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖާކޮށް، ހާއްސަ އެލަވެންސެއްގެ ގޮތުގައި 4,125 ރުފިޔާ އިތުރުކުރުމަށެވެ. މި ބަދަލާއެކު، މިހާރު ލިބިވަޑައިގަންނަވާ 91,000 ރުފިޔާގެ މުސާރައާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.