ދިރާސީ އަހަރު ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައި ފަށަން ގާނޫނީ ބާރު ދިނުމަށްޓަކައި، ތައުލީމީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.
ޑރ. އަނާރާ ހުށަހެޅުއްވި ބިލުގެ މައިގަނޑު އެއް މަގްސަދަކީ، ދިރާސީ އަހަރު ފެށޭނެ ދުވަސް ކަނޑައެޅިގެން ގާނޫނުގައި ހިމެނުމެވެ. ބިލުގައި ބުނެފައިވާ ގޮތުން ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ފަށަން ޖެހޭނީ ޖެނުއަރީ މަހުގައެވެ. ނަމަވެސް، ޚާއްސަ ހާލަތެއް މެދުވެރިވެ ޖެނުއަރީގައި ދިރާސީ އަހަރު ނުފެށިއްޖެނަމަ، އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަން ޖެހޭނެއެވެ. މީގެ އިތުރުން ހޯމް ސްކޫލިން ތައާރަފުކުރުން ފަދަ މުހިއްމު ކަންކަން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
އެ ބިލުގައި ދިރާސީ ކަލަންޑަރުގައި ހިމަނަން ޖެހޭނެ އުސޫލުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާ ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރުގައި ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަސް، ކިޔަވައިދޭ ދުވަސްތައް، ކިޔަވައި ނުދޭ ދުވަސްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތައް، އިމްތިހާނު ބާއްވާނެ ދުވަސްތައް، ދިރާސީ އަހަރަށް އަލަށް ވަންނަ ދަރިވަރުން ވަންނާނެ މުއްދަތު، އަދި ސްކޫލު ޗުއްޓީ ދުވަސްތައް ހިމަނަން ޖެހެ އެވެ. މި ކަލަންޑަރުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމަނާ މަދުވެގެން 195 ދުވަސް ކިޔަވައިދިނުމަށް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރު، ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާނު ވެސް ކުރަން ޖެހެއެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައިސްފައިވަނީ ޖެނުއަރީ މަހުގައެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2021 ވަނަ އަހަރު ދިރާސީ އަހަރު އޮގަސްޓު މަހަށް ބަދަލުކުރެވުނެވެ. މިކަން އަލުން ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މި އަހަރު ޖެނުއަރީގައި ވަނީ ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކޮށްފައެވެ.