ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮންމެ ކުއްޖަކަށްވެސް ތައުލީމު ހާސިލުކުރުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދިނުމަށްޓަކައި، ދިވެހި ސަރުކާރުގެ ފަރާތުން ތައުލީމުގެ ގާނޫނަށް ޖުމްލަ 42 އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާޙުތަކުގެ ތެރޭގައި ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް "ހޯމް ސްކޫލިން" ތައާރަފްކުރުމާއި، ސަރުކާރުގެ ހުރިހާ ސްކޫލްތަކުން ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ކޮންމެ ދުވަހަކު ހިލޭ ނާސްތާ ފޯރުކޮށްދިނުން ހިމެނެއެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމްއެވެ. މި އިސްލާހުތަކުގެ މައިގަނޑު އެއް ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، އެކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް "ހޯމް ސްކޫލިން" ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔެވުމުގެ ޝަރުތުތަކާއި އުސޫލުތައްވެސް ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވެއެވެ.
މި އިސްލާހުތަކުގެ ތެރެއިން ތައުލީމު ގާނޫނުގެ 8 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ކުއްޖާގެ އުމުރުގެ ވީހާވެސް ޅަފަތުގައި، ކުއްޖާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އެހެން ކުދިންނާ ތަފާތުކުރުމެއްނެތި އެކުއްޖާއަށްވެސް އެންމެ ރަނގަޅު ފެންވަރަށް ތައުލީމު ހާސިލުކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އުސޫލުތައް ނަގަހައްޓައި، ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމުތައް ބަޔާންކުރުމަށްވެސް މި އިސްލާހުގައި ހިމެނެއެވެ.
ތައުލީމް ގާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާއެއްގައި "ހޯމް ސްކޫލިން" ތައާރަފްކޮށް، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި ހޯމް ސްކޫލިން ޕްރޮގްރާމްގެ ދަށުން މަދަރުސީ ތައުލީމު ފުރިހަމަކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިކަމުގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވުން ހިމެނެއެވެ. ހޯމް ސްކޫލިންގެ ދަށުން ތައުލީމު ފޯރުކޮށްދެވޭނެ ޝަރުތުތައްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ސްކޫލަށްދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި މުދައްރިސުންނާއި ސްކޫލުގެ އިސްފަރާތްތަކަށް އަދި ބޮޑެތި މީހުންނަށް އިހްތިރާމްކުރުމުގެ އާދަ އަށަގެންނެވުމަށާއި، ސްކޫލް މާހައުލުގެ އަމާންކަން ގެއްލޭފަދަ ކަންކަމުގައި ބައިވެރިނުވުމަށް ނަސޭހަތްތެރިވުމަށްވެސް މި އިސްލާޙުތަކުގައި ބާރުއަޅާފައިވެއެވެ.
އަދި އެންމެ ބޮޑު އެއް އިސްލާޙަކީ، ގާނޫނުގެ 23 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހެވެ. މި އިސްލާހުގައި ބުނެފައިވަނީ، ސްކޫލްގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މަދަރުސީ ތައުލީމީ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އެހެނިހެން އިސްލާހުތައްވެސް މި ބިލްގައި ހިމެނެއެވެ.