މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް އިންޝުއަރެންސްގެ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރާއްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ދެމުންދާ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަކީ 7،000 އަށްވުރެ ގިނަ ރައްޔިތުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މަޖިލީހުގެ ތަޅުމުގައި މި ޕެޓިޝަނަށް ބަހުސްކުރުމަށްފަހު، އެންމެ އެކަށީގެންވާ ގޮތެއް ހޯދުމަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއަށެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ދިރާސާކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުއެވެ. އަޒާންގެ މި ހުށަހެޅުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ތާއީދުކުރައްވާފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވިފައިވެއެވެ.
މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި، ދައުލަތުގެ ވަޒީރުންގެ މަޖިލީހާއި، ކޯޓުތަކުގެ މުވައްޒަފުންނާއި، އެހެނިހެން ގިނަ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭކަން އަޒާން ފާހަގަކުރެއްވިއެވެ.
މުޅިރާއްޖެއަށް ހެލްތު އިންޝުއަރެންސް ލިބޭނެ ގޮތެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ، ހަމައެކަނި މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމަށްވުރެ، މުޅި ނިޒާމު ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ. ރައްޔިތުން މި ޕެޓިޝަން ހުށަހެޅީ މިކަމާގުޅިގެން ކަންބޮޑުވުންތަކެއް ހުރުމުންކަން ގަބޫލުކުރަންޖެހޭނެ ކަމަށާއި، އެފަދަ ބަދަލެއް ގެންނަ ނަމަ އިންޝުއަރެންސް ލިބޭ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ކަމާބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައިގެން އެންމެ ހަރަދުކުޑަ ގޮތެއް ހޯދައިގެން ބަދަލުތައް ގެނައުމަށް އަޒާން ހުށަހެޅުއްވިއެވެ.
މެންބަރު އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މި މައްސަލަ މުޅިން ދިރާސާކުރުން މުހިންމު ކަމަށެވެ. އަދި މެންބަރުންނަށް ދޭ ފަދަ ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދިނުމަކީ ހަރަދުކުޑަވާނެ ގޮތެއްކަމަށް ވެސް ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ.