MTCC

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

images

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

SHARE

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ރާވައިފިއެވެ.

މި ހަރަކާތްތައް ފަށާނީ ނޮވެންބަރު 3 ވަނަ ދުވަހު، ސިފައިން ބައިވެރިވާ ބޮޑު ޖަމާއަތެއްގައި އިސްލާމީ މަރުކަޒުގައި ކުރާ ފަތިސް ނަމާދުންނެވެ.

އެމްއެންޑީއެފުން ހާމަކުރިގޮތުގައި ނޮވެންބަރު 3 ވަނަ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، އާއްމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ކުރިއަށް ދާނެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހއ.ދިއްދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. މި ރަށް އަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް އުމަރު އަހުމަދު ނިސްބަތްވާ ރަށެވެ.

ހަމައެއާ އެކު، ހއ.ބާރަށުގައި ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ. ބާރަށަކީ 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ހުސައިން ނިސްބަތްވާ ރަށެވެ. މި ހަރަކާތްތަކަކީ މި ދެ ބަތަލުންގެ ހަނދާން އާކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ސިފައިން ކުރާ ގުރުބާނީގެ އަގު ވަޒަންކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ.